ދިވެހި ބަހުގެ ރަދީފުން "ޢިއްޒަތްތެރިން"ނާއި "ޑިމޮކްރަސީ"އާއި "މިނިވަން"ކަމާއި އަދި "ހަމަހަމަ"ކަމުގެ މާނަ ބަދަލުކުރީ ކޮންއިރަކު ކޮން ދުވަހަކު ބާއެވެ. ޔަޤީނުންވެސް އެންޓި އެފް އޯ އެކަމެއް އަދި ނުދެނަހުރީމެވެ. ނޫނިއްޔާ ހަމަ އެހާ ގަމާރީ ހެއްޔެވެ. އަމިއްލައަށް ނޫސްވެރިންނޭ ކިޔާއިރު ލިޔެވޭ ނުލިޔެވޭ އެއްޗެއްވެސް ނޭނގޭވަރަށް އެތިބެނީ ބީތާވެފައެވެ.
ރަށުގައި ފަސްމީރު ކުރިރުކެއް ހުރިނަމަ އެމީހަކީ އަހައްމަދަނިކު ދޮންބެއޭ ނިލަންދޫގެ ގިނަ މީހުން ބުނާނެއެވެ. މިހާރު ބޮލަށް ލާގެން އުޅުނެއްކަމަކު އަހައްމަދަނިކު ދޮންބެއަށް ހާމާނު ކަތީބުގެ ލަޤަބު ދިނީ ތިޔަ ބައިގަނޑެވެ. އަންހެނުންގެ ކަންތަކުގައި އެވަރު މީހަކު ނުހުންނާނެއޭ ފޫޅުމާއަކަށްވެސް ވެގެންއުޅެނީ ވަޙުޝީ ކަމުންނޭ ކިޔާ ޖެހުނުހާތަނަކު ކިޔަމުން ދުވީ ތިޔަ ބައިގަނޑެވެ.
ޖަލީލު އަތޮޅުގައި ނެތްވަރުގެ ވަގަކަށް ހަދައި ކޮރަޕްޝަނާއި ޚިޔާނާތުން ފުރިގެންވާ މީހެއްކަމުގެ ސިއްކަ ޖަހައިގެން ދެކޮޅަށް ދުވެދުވެފައި ފުމެފުމެފައި ތިޔައުޅެނީ ތިޔަ ބައިގަނޑެވެ. ޖަލީލުއަށް ބަޅަށް ހިމާރަށް ގޮވާ ޢާއިލާއަށް ބެހުނީ ދެވަނަ ބައެއް ނޫނެވެ. އަތޮޅު ހޮސްޕިޓަލްގެ ހެޑް ޢަބްދުލް ކަރީމްގެ ހަރުދަނާ ކަމުން ހޮސްޕިޓަލް ކުރިއަށްދާން ފެށުމުން ހިރުވާގަނެގެން ނުތިބެވިގެން ކަރީމްއާ ބެހޭގޮތުން ހިތުހުރި އެއްޗެއް ނުކިޔަން ހެއްޔެވެ. ކަރީމްއަކީ އެއްވެސް ތަޢުލީމެއް ލިބިފައިނެތް މީހެކޭ ހިންގާކަށް ނޭނގެއޭ އަދި އެތަނުގެ އަންހެން މުވައްޒަފުންގެ ގަޔަށް އަރަނީއޭ ކިޔާ ވާހަކަތައް ހަދަހަދާގެން ދައްކާއުޅުނީ ދިޔަބައިގަނޑެވެ. މޫސާ އަޙުމަދު އޭއްޗެކޭ މީއްޗެކޭ ކިޔާ ނަގަމުންދުވީ ޒާތީ ރުޅިވެރިކަންނޫން އިތުރު ކަމެއް އޮވެގެނެއް ނޫނެވެ.
މިނޫންވެސް އެތައް ބަޔެއްގެ ބޮލުގައި ވަގުތުހުމަތު އަޅުވައި ޚިޔާނާތުގެ ތާކިހާ އަޅުވައި ފާޑުފާޑުގެ ހުތުރުވިހާ ވަނަމުން މުޚާތަބު ކުރަނީ ހަމަތިޔަ ބައިގަނޑެވެ. އަދި މިހާރަކަށް އައިސް ޢަލީ މުޙައްމަދު ޝަރީފް ރައުނާ ކުޑަ ހައްވަ އަދި އިސްމާޢީލް ޢުމަރުގެ އޭއްޗެކޭ މީއްޗެކޭ ކިޔާގެން ތިޔަހެންތިބެ ތިޔަ ވީދެނޭ ކޮން އަޞްލަކަށްބުރަވެހުރެ ކޮންއެއްޗެއް ބޮވިގެން ހެއްޔެވެ. ރައީސް މައުމޫނަށް ގޮޅާބޯއޭ ކިޔާ ފާޑުފާޑުގެ ޕޯލްތަކާ އެއްޗެހި ހަދާގެން ރެވިތެޔޮ ބޮއެގެންވެސް ތެޅިބޭލީ ހަމަ ތިޔަބައިގަނޑެވެ.
މިވާހަކަތަކަކީ މީހަކު ބުންޏޭ ބުންޏޭ ކިޔާފައި ނިލަންދޫގެ ރައްޔިތުންގެ ކަންފަތުގައި ޖެހުނު ވާހަކަތަކެއް ނޫނެވެ. ކަލޯމެންތިކިޔާ އިންސާފުވެރި ވަކިފަރާތަކަށް ނުޖެހޭ ހަމަހަމަ ނޫސްވެރިކަމުގެ ނަމޫނާ ކަމުގައިވާ ކަލޯމެންގެ ފަތަފޮޅީގައި ޖަހާފައިވާ ވާޙަކަތަކެވެ. އަދި ކަލޯމެންގެ ދަންވަރު ނޫސްތަކުގައި ލިޔެ ޝާޢިއުކޮށް ނެރެފައިވާ ވާހަކަތަކެވެ.
މިހާރު ތިޔަ އުޅެނީ އެކަންކަމުން ސަލާމަތް ނުވެވިގެން ރެކިގަނެވޭނެ ގޮތެއް ފެނޭތޯއެވެ. ތިމަމެން ފޭހުނު އިލޮށި ތިމާމެންގެ ލޮލަށް އެންމެ ފަހުން ހެރުނީދޯއެވެ. ހާސްނުވާށެވެ. އަވަހަށް ބުނެލާށެވެ. އަސްތަޣްފިރުﷲއެވެ. އަހަރުމެން އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަމުއެވެ. އެކަހަލަ ލިޔުމެއް ފަތަފޮޅީގައިވެސް އަދި އެހެން އެއްޗެއްގައިވެސް ނުލިޔަމުއެވެ. ނޫސްބަޔާން ގަނޑެއް ނަމަވެސް ނެރިލާށެވެ. އޭރުން ހުރިހާކަމެއް ހަމަޖެހޭނއެވެ. އެއީ ދުވަހަކުވެސް ނުކުރާ ކަމަކަށް ވެގެންދާނެއެވެ. އަދި ރައްޔިތުން ހޭލުންތެރިވެސް ވާނެއެވެ.
ކަލޯމެންގެ ތެރޭގައި ތިޔަތެޅިނަގާ މީހުންގެތެރޭގައި ކުނިފުކެއް ޖެހިފައިވާ މީހަކުވެސް ނެތެވެ. ފަސްބައި ކިލަނބުވެ ހުތުރުވެފައިވާ ހަމައެކަކުވެސް ނެތެވެ. ވައްކަމެއްކުރި މީހަކުވެސް ނެތެވެ. ކޮރަޕްޝަންގެ ވަބާގައި ޖެހި ޚިޔާނަތްތެރިކަން އަށަގެންފާވާ މީހަކުވެސް ނެތެވެ. އަދި އަންހެނުން ހިތި ބަޔަކު ނެތްތާނގައި ކުޑަކުދިންނާއި ބެހިހަދާ މީހަކުވެސް ނެތެވެ.
ތިޔައީ ހަމަ އޮލަނބުތަކެކެވެ. އަލިފުގައިވެސް ގުދެއް އިނދޭތާއެވެ. ތިޔަވަރުގެ ބަޔަކު ހަމަނެތެވެ. މިއޮށްހުރިހާ ދުވަހަކު އަޞްލެއްނެތް ޙަޤީޤަތާ ޚިލާފު އެފަދަ ވާހަކަތައް ފަތުރަމުން ތިޔަދަނީ އެއްވެސް ބަޔަކަށް ޢިއްޒަތެއް ޢަބުރެއް ލިބިފައި ނެތީމަތާއެވެ. ތިޔަނޫން ބަޔަކަށް ނަފްސުގެ ކަރާމާތެއް ލިބިގެން ނުވޭތާއެވެ.
ތިޔައީ ހަމަ ޢިއްޒަތްތެރިންނެވެ. ތިޔަވަރުގެ ޢަދުލުވެރި އިންސާފަށް ލޯބިކުރާ ހަމަހަމަ ނޫސްވެރިކަމެއް ނެތެވެ. ނިއްމާލުމުގެ ކުރިން ނަމޫނާ ނޫސްވެރިކަމެއް ނިލަންދޫގައި އަށަގެންނެވުމަށް ކުރަމުންތިޔަގެންދާ ބުރަ އަދި އުނދަގޫ މަސައްކަތް ފާހަގަކޮށް އެންޓި އެފް އޯގެ ފަރާތުން ޙުސައިންނަށް ވަރަށް ސަލާމެވެ.