ޓީޗަރުން އަޅުގަނޑުމެންގެ ޅަދަރީންނަށް ކިޔަވައިނުދީ ސްކޫލަށް ނުނުކުމެ ގޭގެ ޑަބަލް ބެޑްގައި ތިބެ ހަޅުތާލު ކުރަމުންދާ މީހުންގެ ތެރޭގައި ފ.އަތޮޅަށް އެބައެއްގެ ބަލާވެރިކަން ފުލުފުލުން ޖެހެމުންދާ އަދި ފ.އަތޮޅަށް މީގެ ކުރިން ލިބިފައިވާ ޤަދަރާއި ރީތި ނަން ހުތުރުކޮށް ޚަރާބު ކުރަމުންދާ މީހުންގެ ތެރޭގައި މިއުޅޭ ފޮޑިޓީމުގެ ބަގަތައް އިސް ރޯލެއް އަދާކުރަމުން އެބަދެއެވެ.
މުޒާހަރާ ކުރުމަކީ ޓީޗަރުންނަށްވެސް ލިބިފައިވާ ޙައްޤެއްކަމަށާއި ކުރާ މަސައްކަތާއި އަޅާބަލާއިރު ލިބޭ މުސާރައާއި އިނާޔަތްތައް ކުޑަކަމަށް ބުނެ ސްކޫލަށް ނުނުކުންނައިރު، މިދިވެހި ޤައުމުގެ މުޅި މުސްތަޤުބަލްކަމުގައިވާ ޅަދަރީންގެ ޙައްޤުތައް މަތިން މިބައިގަނޑު އެވަނީ ހަނދާން ނައްތާލާފައެވެ. އެކުދިންގެ ފިލާވަޅުތަކާއި އެކުދިންގެ ތަރުބިއްޔަތަށް އިހާނެތި ކޮށްލާފައެވެ. މައިންބަފައިންނާއި ބެލެނިވެރިންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާފައެވެ.
މިބައިގަނޑުގެ މަޤުޞަދަކީ އެހެން އިބިލީސް ހެދިގެން އެހެން ޓީޗަރުންގެ ބޮލަށް ސަވާރުވެ ކޮންމެވެސް އަމިއްލަ ފައިދާއެއް އަދި އަމިއްލަ އެދުމެއް ޙާޞިލް ކުރުން ކަމުގައި ރައްޔިތުންގެ މެދުގައި ވާހަކަދެކެވެއެވެ. މިބައިގަނޑު އުޅޭގޮތުން ހީވަނީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން މަސައްކަތްކުރަނީ ހަމައެކަނި މިމީހުންނެވެ. ބުރައީވެސް ހަމައެކނި މިމީހުންނަށެވެ. ބިޒީވަނީވެސް ހަމައެކަނި މިމޫންނެވެ.
މިބައިގަނޑުގެ ސަބަބުން މުޅި ޤައުމަށް މިލިބުނީ އަގުކުރަން ދަތި ބޮޑު ގެއްލުމެކެވެ. ކިޔަވާކުދިންނަށް އެދެވުނީ ނުބައި މެސެޖެކެވެ. ނުބައި ނަމޫނާއެކެވެ. ވާނީވެސް ހަމަ އެހެންނެވެ. ފައިސާގެ ދަހިވެތިކަން ހިސާބަށްވުރެ ބޮޑަށް އެބައެއްގެ ހިތަށްވަދެ ބޫތުކައިފިއްޔާ މިޔަށްވުރެ ބޮޑެތި ކަންތައްވެސް ކުރާނެއެވެ. މިކަހަލަ ގޮތްކުޑަ ލަދުހަޔާތްނެތް ބަޔަކު ޅަދަރީންނަށް ކިޔަވާދޭން އުޅޭތީ އެންޓި އެފް އޯ ނުހަނު ހިތާމަ ކުރަމެވެ.